Sunday, June 30, 2013

ރަމަޟާންމަހުގެ ޚަޞާއިޞުތައް!..........http://www.raajjeislam.com/?file=14344

الحمد لله و الصلاة و السلام على من لا نبي بعده...



ހަމަކަށަވަރުން، ރަމަޟާން މަހަކީ އެމަހަކަށް ހުރިހާ މުސްލިމުންވެސް އިންތިޒާރުކުރަމުން އަންނަ މަހެކެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. ﷲގެ ޙަޟްރަތުގައި އެންމެ މާތް މައްސަރުކަމުގައިވާތީވެސް މެއެވެ. އެހެންކަމުން މާތް ﷲ ވަނީ މިމަހުގައި ވަކީން ޙާއްޞަ ޞިފަތަކެއް ލައްވާފައެވެ. އެއީ އެހެން އެއްވެސް މަހަކަށް ލިބިގެންނުވާފަދަ މަތިވެރިކަމަކާއި ޞިފަތަކެކެވެ. އެގޮތުން މި ބަރަކާތްތެރި ރަމްޟާންމަސް އެހެން މަސްތަކުގެ މައްޗަށް މަތިވެރިވާ ކަންތައްތަކަށް ބަލާލާނަމެވެ؛



1- ހަމަކަށަވަރުން މިމަހުގައި ރޯދަހިފުމަކީ އިސްލާމްދީނުގެ 4 ވަނަ ރުކުންކަމުގައި މާތް ﷲ ވަނީ ލައްވާފައެވެ. އެގޮތުން މާތްﷲ ވަޙީކުރައްވަނީ:: ( شَهْرُ رَمَضَانَ الَّذِي أُنْزِلَ فِيهِ الْقُرْآنُ هُدىً لِلنَّاسِ وَبَيِّنَاتٍ مِنَ الْهُدَى وَالْفُرْقَانِ فَمَنْ شَهِدَ مِنْكُمُ الشَّهْرَ فَلْيَصُمْه) البقرة / 185

މާނައީ: (ރަމްޟާން މަހަކީ އެމަހެއްގައި ޤުރުއާން ބާވައިލެއްވުނު މަހެވެ. އެއީ މީސްތަކުންނަށް ހުރި ހިދާޔަތެއްކަމުގައްޔާއި ހައްޤާއި ބާޠިލް ވަކިކޮށްދެނިވި އެއްޗެތްގެ ގޮތުގައެވެ. އަދި އެމަހާ ބައްދަލުވެއްޖެ މީހާ ފަހެ އެމަހުގައި ރޯދަ ހިފާހުށިކަމެވެ.)



2- ރަމަޟާން މަހަކީ އެމަހެއްގައި ކީރިތި ޤުރުއާން ބާވައިލެއްވުނު މަހެވެ. އެހެނީ އެ ޤުރުއާން اللوح المحفوظ ން ދުނިޔޭގެ އުޑަށް ބާއްވައިލައްވަން ކީރިތިވަންތަ މާތްﷲ އިޚްތިޔާރުކުރެއްވީ މިމަހުގެ ރޭތަކުގެ ތެރެއިން ރެއެއްކަމުގައިވާތީއެވެ. އެގޮތުން މާތްﷲ ވަޙީކުރައްވާފައިވެއެވެ:: ( شَهْرُ رَمَضَانَ الَّذِي أُنْزِلَ فِيهِ الْقُرْآنُ هُدىً لِلنَّاسِ وَبَيِّنَاتٍ مِنَ الْهُدَى وَالْفُرْقَانِ) މާނައީ: (ރަމްޟާން މަހަކީ އެމަހެއްގައި ޤުރުއާން ބާވައިލެއްވުނު މަހެވެ. އެއީ މީސްތަކުންނަށް ހުރި ހިދާޔަތެއްކަމުގައްޔާއި ހައްޤާއި ބާޠިލް ވަކިކޮށްދެނިވި އެއްޗެތްގެ ގޮތުގައެވެ). އަދި ހަމައެހެންމެ އެޤުރުއާން ބާވައިލެއްވުނީ އެމަހުގައިވާ ލައިލަތުލް ޤަދްރިވިލޭ ރޭ ކަމުގައިވެސް މާތް ﷲ ވަޙީ ކުރައްވައިފައިވެއެވެ. : ( إِنَّا أَنْزَلْنَاهُ فِي لَيْلَةِ الْقَدْرِ) މާނައީ: ( ހަމަކަށަވަރުން ތިމަންﷲ އެޤުރުއާން ބާވައިލެއްވީ ލައިލަތުލް ޤަދްރިވިލޭރޭގައެވެ).



3- ހަމަކަށަވަރުން، ރަމަޟާންމަހަކީ އެމަހެއްގައި ރޭތަކުގެ ތެރެއިން އެންމެ މާތް ރޭ ލައްވާފައިވާ މަހެވެ. އެއީ ލައިލަތުލް ޤަދްރިވިލޭ ރެއެވެ. އެއްހާސް މައްސަރުގެ ހެޔޮކަމަށްވުރެ ހަމައެކަނި އެރޭގެ ހެޔޮކަން ބޮޑެވެ. މިކަން މާތްﷲ ޤަދްރި ސޫރަތުގައި ވަރަށް ތަފްސީލުކޮށް ބަޔާންކުރައްވާފައިވެއެވެ. : ( إِنَّا أَنْزَلْنَاهُ فِي لَيْلَةِ الْقَدْرِ . وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ . لَيْلَةُ الْقَدْرِ خَيْرٌ مِنْ أَلْفِ شَهْرٍ . تَنَزَّلُ الْمَلائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِمْ مِنْ كُلِّ أَمْرٍ . سَلامٌ هِيَ حَتَّى مَطْلَعِ الْفَجْرِ ) މާނައީ: ( ހަމަކަށަވަރުން ތިމަންﷲ އެޤުރުއާން ބާވައިލެއްވީ ލައިލަތުލް ޤަދްރިވިލޭރޭގައެވެ. އަދި ލައިލަތުލް ޤަދްރިވިލޭރެއަކީ، ކޮންރެއެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟. ލައިލަތުލް ޤަދްރިވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ. މަލާއިކަތުންނާއި، ޖިބްރީލުގެފާނު އެބޭކަލުންގެ ވެރިރައްބުގެ އިޒްނަފުޅާއެކު، ހުރިހާ އަމްރުފުޅުތަކާއިގެން އެރޭ ފައިބައިވަޑައިގަންނަވާނެއެވެ. އެއީ ފަޖުރުގެ އަލިކަން ފާޅުވެއްޖެއުމަށްދާންދެން، އަމާންކަމާއި، ސަލާމަތްކަން ލިބިގެންވާ ރެއެކެވެ).



އެހެންކަމުން، ލައިލަތުލް ޤަދްރިވިލޭރޭގެ ސަބަބުން މާތްﷲ ވަނީ ރަމަޟާންމަސް އިތުރަށް މާތް ކުރައްވާފައެވެ. އަދި ކީރިތި ޤުރުއާނުގައި އެރޭގެ މަތިވެރިކަމާ ބެހޭގޮތުން ވަކި ޚާއްޞަ ސޫރަތެއްވެސް ވެއެވެ. އެއީ ކުރީގައި މާނައާއި އެކު ބަޔާންވެގެންދިޔަ ސޫރަތުލް ޤަދްރިއެވެ. އަދި ހަމައެހެންމެ، ކައުއިތުރު ޞާހިބާ (ޞައްލަﷲގެ) ވަރަށް ގިނަ ޙަދީޡްފުޅުތައްވެސް މިރޭގެ މާތްކަމާއި ބެހޭގޮތުން ވާރިދުވެފައިވެއެވެ.( لِلَّهِ فِيهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ,مَنْ حُرِمَ خَيْرَهَا فَقَدْ حُرِمَ ) މާނައީ: މާތްﷲގެ ޙަޟްރަތުގައި އެމަހުގައި އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑު ރެއެއް ވެއެވެ. އެރޭގެ ހެޔޮކަމުން މަޙްރޫމްވެއްޖެ މީހާ، ފަހެ ހަމަކަށަވަރުންވެސް އެމީހެއް މަޙްރޫމްވެއްޖެއެވެ).



އަދިވެސް އެރޭގެ މަތިވެރިކަމާ ބެހޭގޮތުން ކީރިތި ރަސޫލާ- صلى الله عليه وسلم - ޙަދީޡްފުޅުކުރައްވަނީ މިފަދައިންނެވެ. " مَنْ قَامَ لَيْلَةَ الْقَدْرِ إيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ " ، މާނައީ: " އީމާނާއި ޡަވާބުގެ ނިޔަތުގައި ލައިލަތުލް ޤަދްރިވިލޭރޭ ޤިޔާމްކޮށްފި މީހެއްގެ އިސްވެދިޔަ ފާފަތައް ފުހެވިއްޖެއެވެ".



4- އަދި މިމަހުގައި ޡަވާބާއި ދަރުމައަށް އެދިގެން ދުވާލުގައި ރޯދަހިފައި ރޭގަނޑުގައި ޤިޔާމްކޮށްފި މީހެއްގެ އިސްވެގޮސްފައިވާ ފާފަތައް މާތްﷲ ފުއްސަވާދެއްވައެވެ. އެގޮތުން މާތް ނަބިއްޔާ صلى الله عليه و سلم - ޙަދީޡްކުރައްވާފައިވެއެވެ. "من صام رمضان إيمانا واحتسابا غفر له ما تقدم من ذنبه "، މާނައީ:" އީމާންކަމާއެކު ޡަވާބާއި ދަރުމައަށް އެދިގެން ރަމްޟާންމަހުގެ ރޯދަހިފައިފި މީހެއްގެ އިސްވެދިޔަ ފާފަތައް ފުހެވިއްޖެއެވެ". އަދި އެހެން ރިވާޔަތެއްގައިވެއެވެ. " مَنْ قَامَ لَيْلَةَ الْقَدْرِ إيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ " ، މާނައީ: " އީމާނާއި ޡަވާބުގެ ނިޔަތުގައި ލައިލަތުލް ޤަދްރިވިލޭރޭ ޤިޔާމްކޮށްފި މީހެއްގެ އިސްވެދިޔަ ފާފަތައް ފުހެވިއްޖެއެވެ".



5- މި މަހުގައި މާތް ﷲ ގެ ރަޙްމަތުގެ ގޯތިކަމުގައިވާ ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވާލެވެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެއެވެ. ނުބައި ނުލަފާ މާރިދު ޖިންނިތައް ކަސްތޮޅި އަޅުވާލެއެވެ. މާތް ނަބިއްޔާ صلى الله عليه و سلم - މިކަމަށް ޢިޝާރާތްކުރައްވައި ޙަދީޡްކުރައްވަނީ މިފަދައިންނެވެ. " إذا جاء رمضان فتحت أبواب الجنة , وغلقت أبواب النار , وصُفِّدت الشياطين "، މާނައީ: " ރަމަޟާންމަސް އައިސް ޖެހުމުން، ފަހެ ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވާލެވެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވެއެވެ. އަދި ޝައިޠާނުންތައް ކަސްތޮޅު އަޅުވާލެވެއެވެ".



6- މިމަހުގެ ކޮންމެ ރައަކު ނަރައިން އެތައް ބަޔަކު މާތް ﷲ މިންޖުކުރައްވާ ސަލާމަތްކުރައްވައެވެ. ކީރިތި ރަސޫލާ صلى الله عليه وسام - އަރަހުށި ހުސްޠާހިރުވަންތަ މާތްﷲ ގެ މި ރަޙްމަތުގެ ވާހަކަ ބަޔާންކޮށްދެއްވަމުން ޙަދީޡްފުޅުކުރެއްވިއެވެ. " لله عند كل فطر عتقاء " މާނައީ: " ﷲ تعالى ކޮންމެ ރެއަކު (ރަމަޟާންމަހުގެ ރޯދަ މީސްތަކުން ވީއްލާ ކޮންމެ ރެއަކު) ނަރަކައިން މީހުން މުއްތިކުރައްވައެވެ".



7- ރޯދަމަހުގެ ރޯދައަކީ، އަޅާއަށް ދެރޯދަމަސް ދެމެދުގައި ކުރެވޭ ފާފަތައް ފުހެލަދޭ ކައްފާރާއެކެވެ. ނަމަވެސް، އެއީ ބޮޑެތި ފާފަތަކުން ދުރުހެލިވެގެން ހުރިނަމައެވެ. ބޮޑެތި ފާފަތަކަށް ޖެހޭނީ ތައުބާވާންށެވެ. ރޯދަމަހުގެ ރޯދައަކީ ކައްފާރާއެއްކަމަށް ޢިޝާރާތްކުރައްވަމުން މާތް ޞާޙިބާ صلى الله عليه و سلم - ޙަދީޡްކުރެއްވިއެވެ. "ورمضان إلى رمضان , مكفرات ما بينهن إذا اجتنبت الكبائر " މާނައީ: ބޮޑެތި ފާފަތަކުން ދުރުވެގެން ހުރެއްޖެނަމަ، ދެ ރޯދަމަސް ދެމެދުގައި ކުރެވޭ ފާފަތަކުގެ ކައްފާރާއަކަށް ރޯދަ ވާނެއެވެ".



8- ރަމަޟާންމަހުގެ ރެއެއްގައި، އިމާމެއްގެ ފަހަތުގައި، އެ އިމާމު މީހާ ނިމެންދެން ތަރާވީސްކޮށްފި މީހަކު މުޅިރޭގަ ޤިޔާމްކުރި މީހެއްގެ ގޮތުގައި ލިޔެވޭނެއެވެ. މާތް ނަބިއްޔާ صلى الله عليه و سلم މިކަމަށް ޙަދީޡްކުރައްވާފައިވެއެވެ. " إنه من قام مع الإمام حتى ينصرف كتب له قيام ليلة " މާނައީ: ހަމަކަށަވަރުން، މީހަކު އިމާމެއްގެ ފަހަތުގައި އިމާމާ ނިމެންދެން ޤިޔާމްކޮށްފިނަމަ މުޅި ރޭގެ އަޅުކަން ކުރިކަމަށް އޭނާގެ މައްޗަށް ލިޔެވޭނެއެވެ".



9- އަދި ރޯދަމަހުގައި ކުރާ ޢުމްރާއެއް ޙައްޖަކާ އެއްފަދަ ވެގެންވެއެވެ. ޤަބޫލުކުރެއްވިގެންވާ ޙައްޖެއްގެ ޡަވާބާއި ދަރުމައަކީ ސުވަރުގެއެވެ. އެހެންމަކުން މާތް ނަބިއްޔާ އަންޞާރިއްޔަ ބޭކަނބަލަކަށް އިރުޝާދުދެއްވަމުން ޙަދީޡްކުރެއްވިއެވެ. " " فإذا جاء رمضان فاعتمري , فإن عمرة فيه تعدل حجة " , وفي رواية لمسلم :" حجة معي " މާނައީ: ރަމަޟާން މަސް އަތުވެއްޖެ ކަމުގައިވާ ނަމަ، ކަމަނާ ޢުމްރާވާށެވެ. އެހެނީ ހަމަކަށަވަރުން، އެމަހުގައި ކުރާ ޢުމްރާއެއް ޙައްޖަކާ އެއްފަދައެވެ". ދެން މުސްލިމް ރިވާޔަތެއްގައި ވަނީ:" އެއީ ތިމަންކަލޭގެ ފާނާއި އެކު ޙައްޖެއްވުން ފަދައެވެ".



10- މިމަހުގެ ފަހު ދިހައެއްގަ އިޢްތިކާފަށް އިނުމަކީ މާތް ނަބިއްޔާގެ މަތިވެރި ސުންނަތެކެވެ. މުއުމިންތަކުންގެ މަންމަ އަދި ކައު ނަބިއްޔާ صلى الله عليه و سلم- ގެ އަނބިކަނބަލުން عائشة رضي الله عنها މިވާހަކަ ވަރަށް ތަފްޞީލުކޮށް ބަޔާންކުރައްވައެވެ. " أَنَّ النَّبِيَّ صلى الله عليه وسلم كَانَ يَعْتَكِفُ الْعَشْرَ الأَوَاخِرَ مِنْ رَمَضَانَ حَتَّى تَوَفَّاهُ اللَّهُ تَعَالَى , ثُمَّ اعْتَكَفَ أَزْوَاجُهُ مِنْ بَعْدِهِ " މާނައީ: ހަމަކަށަވަރުން، ނަބިއްޔާ- صلى الله عليه و سلم - ރަމަޟާންމަހުގެ ފަހު ދިހެއްގައި އިޢްތިކާފަށް ހުންނަވައެވެ. އެކަލޭގެފާނު އަވަހާރަފުޅުވަންދެން ކޮންމެ ރޯދަމަހަކުވެސް މިގޮތަށް ހުންނެވިއެވެ. ދެން އަކަލޭގެފާނަށްފަހު، އެކަލޭގެފާނުގެ އަނބިކަބަލުންތައް މިގޮތަށް އިޢްތިކާފުކުރެއްވިއެވެ".



މި މާތް ރަމަޟާން މަހަށް އަދި އިތުރު ޚަޞާއިޞުތައްވެސް ލިބިގެންވެއެވެ. ނަމަވެސް، މި ވަރުން ފުއްދާލަމެވެ. ވަޞިއްޔަތަކީ، ތިބާ މި ރޯދަމަސް ސީރިއަސްކޮށްނަގާށެވެ. ވަޤުތު ގެއްލުވާނުލާށެވެ. ވެހޭތާ ފެންނަގާށެވެ.



اللهم وفقنا للصيام و القيام في هذا الشهر العظيم, و كفر عنا سيئاتنا و تب علينا, انك أنت التواب الرحيم.......



وصلى الله وسلم على خير خلقه محمد و الحمد لله رب العالمين....


Wednesday, March 20, 2013

Humanity.

An individual has not started living until he can rise above the narrow confines of his individualistic concerns to the broader concerns of all humanity.
– Martin Luther King Jr.